ޚަބަރު

އެޗްއައިވީއަށް ޕޮޒިޓިވް ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ : މޫސަ

އަހުމަދު ޖައިޝަން

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ކުންފުންޏަކަށް ގެނައި ބިދޭސީންތަކެއް ތެރެއިން އެޗްއައިވީ އަށް ޕޮޒިޓިވް ދެ މީހަކު ފިލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މޫސަ ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ކުންފުންޏަށް ގެނައި ބިދޭސީންގެ ތެރެއިން ތިން ބިދޭސީން އެޗްއައިވީއަށް ޕޮޒިޓިވް ކަން އެނގިގެން އެމީހުން ފޮނުވާލަން އުޅެނިކޮށް ދެމީހަކު ފިލާފައިވާ ކަމަށެވެ.

"ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑުމެނަށް މި ތަނުން ބޭރުކުރެވުނީ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރާއްޖޭގައި ފިލައިގެން ވަރަށް ގިނަ އަދަދަކަށް ބިދޭސީން އުޅޭ ކަމަށެވެ. އަދި އެ އަދަދު އެއް ލައްކައަށްވުރެ މަދު ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކުގައި ވެސް ފިލައިގެން އުޅޭ ބިދޭސީން ގެންގުޅޭ ކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިލައިގެން އުޅޭ ބިދޭސީންނާ މެދު އެކުންފުނިތަކުން އަމަލު ކުރަމުން ގެންދަނީ ނިކަމެތިކޮށް ކަމަށާއި އެ މައްސަލަ ކުރީގެ ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ.