ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ކޮންމެހެން ނެރެން ޖެހިގެން މަސައްކަތަށް ނެރޭ މުވައްޒަފުންނަށް އިތުރުގަޑީގެ އެލަވަންސް އާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރައީސުލްޖުމުހޫރިޔާ އޮފީސްތައް ބަންދުކުރުމަށް ނިންމެވުމާއި ގުޅިގެން އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ނެރޭ މުވަޒަފުންނަށް އިތުރުގަޑިީގެ އެލަވަންސް އާއި ބަންދު ދުވަސްތަކުގެ ފައިސާ ވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނަރަލް އޮފް ޕަބުލިކު ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތަށް ނެރޭ މުވަޒަފުންނާއި، ސަރުކާރު އިދާރާތަކުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް އެއިދާރާގެ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން ނެރޭ މުވައްޒަފުންނަށް ވެސް އެ އިނާޔަތްތައް ދޭން ނިންމާފައިވާ ކަމަށެވެ.
އެހާލަތުގައި ނެރޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ނިންމާފައިވަނީ އެމީހަކު ރަސްމީކޮށް މަސައްކަތް ކުރަންޖެހޭ ވަގުތު ހަމަކުރުމަށްފަހު އޭގެ އިތުރަށް މަސައްކަތް ކުރާ ވަގުތަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައްކަމުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން އިގުތިސޯދަށް ހީނަރުކަން އައިސްފައިވާތީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު އޮފީސްތަކުގެ މުވަޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ކަންކަން ރޭވުމަށް ވެސް އެ ސާކިއުލާގައި ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.