ބަގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން އާ މަޝްވަރާކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ވަނީ މި މަޝްވަރާ އާއި ގުޅޭ ގޮތުން ޓުވީޓެއް ކުރައްވާފަ އެވެ.
"ކޮވިޑް 19އާ ގުޅިގެން ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް އެގައުމުގެ ފޮރިން މިނިސްޓްރާއެކުގައި މަޝްވަރާ ކުރެވުނު" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ކޮވިޑް19 އާ ގުޅިގެން އެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓްރިވެންޑްރަމުން 205 ދިވެހިން، ލަންކާއިން 100 ދިވެހިން އަދި މެލޭޝިއާގައި ނާދެވި ތިބި 200 ދިވެހިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ހުރިހާ ދިވެހިން ރާއްޖެ ގެނައުމަށެވެ.