އަލާމާތްތައް ހުރި ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ މުވައްޒަފެއްގެ ހާލު ދެރަވެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މިހާރު ކޮއްދިއްޕަރު ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
"ގްރޭންޑް ޕާކް ކޮއްދިއްޕަރު މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންދެވިފައި. ކޮއްދިއްޕަރުގައި ހުރި އެ ރިސޯޓުގެ ބިދޭސީ ސްޓާފެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ އަދި އެމީހާގެ ބަލި ހާލު ބޮޑުވެފައިވާތީވެ ޑޮކްޓަރުން އިތުރަށް ބެލުމަށްޓަކައި އެމީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އޭނާގެ ފުރަތަމަ ނެގުނު ސާމްޕަލްގެ ނަތީޖާ ނެގަޓިވް ކަމަށާއި އެހެންނަމަވެސް އޭނާގެ ދެވަނަ ސާމްޕަލެއް ލިބެންދެން ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު މީހުން އަދިވެސް އައިސޮލޭޝަންގައި ބައިތިއްބަން ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.
އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި ގެސްޓްހައުސް މިހާރު ވަނީ އާންމު ހާލަތަށް ގެންގޮސްފައެވެ. މިވަގުތު މޮނީޓަރިންގެ ހާލަތުގައި ހުރި ތަންތަނަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު، ޖޯލި މޯލްޑިވްސް، ބޮޑުފުށި ރިސޯޓު އަދި މޯލްޑިވިއާނާ ސަފާރީއެވެ.