ޚަބަރު

ބެންކޮކުގައި އުޅޭ ދިވެހިންނަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން ތައިލެންޑުގެ ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްކަހަލަ ތަކެތި ހޯދަން ދަތިތައް ކުރިމަތިވެފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 16 ވަަނަ ދުވަހު މޯލްޑިވިއަންގެ ފުލައިޓެއް ބެންކޮކަށް ދަތުރެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ދަތުރުގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދޭން ނިންމާފައިވާ ކަމަށެވެ. އެކަމަށް އެދޭ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރައި ހުށަހަޅަން ވަނީ އެދިފައެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • ހިކިމަސް، މުގުރިމަސް، ވެކިއުމް ޕެކްޑް ވަޅޯމަސް
  • މަސްފަކެޓް / ފަތް ފަކެޓް / ސަމްބޯމް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި ހުންނަ)
  • ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާއެކު)

ފޮރިން މިނިސްޓްރީން ބުނީ ތަކެތި ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ބުދަ ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00އަށް ކަމަށެވެ.

ރާއްޖެއިން ފޮނުވާ ތަކެތި ތައިލެންޑުގެ ކަސްޓަމްސްއިން ކްލިއާ ކުރުމަށް ފަހު އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އެތަކެއްޗާ ހަވާލުވާނެ ކަމަށާއި އެތަކެތި ލިބެންވީ ފަރާތްތަކާ ހަވާލު ކުރާނީ އެމްބަސީން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އެހީގައި މީގެ ކުރިން ވަނީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވައިފައެވެ.