ކޮވިޑް 19އާ ގުޅިގެން އޮރެންޖު އެލާޓުގައި އޮތް ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މީހުން ކޮވިޑަށް ޓެސްޓުކުރަން ނިންމައިފިއެވެ.
ރާއްޖެއިން އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ކުރެއްދޫންނެވެ. އެގޮތުން ކުރެއްދޫން ވަނީ ފަސް ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން ކުރެއްދޫގައި ޗުއްޓީ ހާދަކުރި ފަތުރުވެރިޔަކު އެނބުރި ގައުމަށް ދިޔަ ފަހުން ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫން މީހުން ފޭބޭނެ މުއްދަތު މިއަދަށް ހަމަވެފައިވާ ކަމަށާއި ނަމަވެސް އެރަށުގެ ކޭސް އަކީ އެހެން ރިސޯޓުތަކާ މުޅިން ތަފާތު ކޭސްއެއް ކަމަށެވެ.
"ކުރެއްދޫއަކީ އިމްޕޯޓްވި ކޭސްއަކުން ލޯކަލް ޓްރާސްމިޝަން ހިނގާފައިވާ ރަށަކަށް ވާތީ ޓެގްގެ ނިންމުމަކީ ކުރެއްދޫގައި މިހާރު ތިބި އެންމެން ކޮވިޑަށް ޓެސްޓުކޮށްފައި ދޫކޮށްލާ ގޮތަށް. އެއީ ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިއުމުގައި ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގެ ތަހުގީގަށް ކުރެއްދޫގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފައެވެ.
ރިސޯޓުތަކުން މީހުން ފޭބުމާ ގުޅާ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ފެނި ކޮންމެވެސް ވަރަކަށް ބަލި ފެތުރުފައިވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް އެ ރިސޯޓުން ފޭބޭނީ އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ފަހުން ސްކްރީން ކުރުމަށް ފަހު ނެގެޓިވްވުމުންނެވެ.