ޚަބަރު

މިއަދު ޕޮޒިޓިވްވި ދިވެހި މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނޭ: ޑރ. މުރާދު

މިއަދު ޕޮޒިޓިވްވި ދިވެހި މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ފިލިޕީންސުން ރާއްޖެ އައި ދިވެހި މީހާގެ ފަރާތުން އަލާމާތެއް ފެނުނު ނަމަ ހުންނާނީ ޓެސްޓުކުރެވިފައި ކަމަށާއި ކަރަންޓީނުގައި ހުންނަ މީހެއްގެ ފަރާތުން އަލާމާތެއް ފެނިއްޖެ ނަމަ، ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ ކަރަންޓީނު ފެސިލިޓީން ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕޮޒިޓިވްވި މީހާގެ ފަރާތުން އަޅުގަނޑުމެންނަށް އެއްވެސް އަލާމާތެއް ނުފެނޭ. ކަރަންޓީނު އެގްޒިޓްކުރުމުގެ ޓެސްޓުގައި އޭނާ ޕޮޒިޓިވްވެފައި މިވަނީ. އޭނާއާއެކު އެ ދުވަހު ފުލައިޓުގައި އައި އެންމެން ތިބޭނީ ކަރަންޓީނުގައި. ކޮންޓެކްޓް ޓްރޭސިން މި ހެދެނީ އެއާޕޯޓުންނާއި އޭނާގެ ޓްރާސްފާގެ ތެރެއިން ކޮންޓެކްޓްވެފައި ހުރެދާނެ ބަޔަކު، ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި މި ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އެމީހާ ފިލިޕީންސުން އައުމުގެ ތެރޭގައި ނުވަތަ އެކޮޅުގެ އެއާޕޯޓު ނުވަތަ ދަތުރުކުރުމުގެ ތެރޭގައި ވެސް ޕޮޒިޓިވްވެފައި ހުރުން އެކަށީގެންވާ ކަމަށާއި ރާއްޖެއިން ޕޮޒިޓިވްވީ މީހެއްކަން އެނގޭނީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމުމުން ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް 19ގެ އަލާމާތްތައް ނުފެންނަ މީހުން ބައްޔަށް ޕޮޒިޓިވްވާކަން ފާހަގަކުރެވެއެވެ. އެފަދަ ކޭސްތައް ފެންނާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވެސް މިހާރު އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 20 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ފަސް ދިވެހިންނެވެ. އަދި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.