ޚަބަރު

މީހުން ގެންނަ ފުލައިޓުތަކުން ނުފޫޒު ފޯރުވައިގެން ޖާގަ ހޯދާ ނަމަ އެކަން ހުށަހަޅުއްވާ! މައްސަލަ ބަލާނަން: މަބްރޫކު

މީހުން ގެންނަ ފުލައިޓުތަކުން ނުފޫޒު ފޯރުވައިގެން ޖާގަ ހޯދާ ނަމަ އެކަން ހުށަހެޅުއްވުމުން އެ މައްސަލަތައް ބަލާނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް ދިޔަ މޯލްޑިވިއަންގެ ފުލައިޓުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އާއިލާތައް ގެނެސްފައިވާ ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ލިސްޓެއް އާންމުވެފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެއީ ރަނގަޅު ލިސްޓެއްތޯ ނުވަތަ ނޫންތޯ ދަންނަވަން ނޭނގޭ ކަމަށާއި އެއިން ކޮންމެ ކަމެއްގައި ވެސް ސާފުކޮށް ކިޔައިދޭނެ ކަމަށެވެ.

"މިކަމާ ގުޅޭ މައްސަލަތައް ތިބޭފުޅުން ވެސް ހުށަހަޅުއްވަންވީ، ތިބޭފުޅުންނަށް އެނވަޑައިގަންނަވާ ވަރަކަށް. ސައްހަ މައުލޫމާތު ހޯއްދަވާފައި ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅަންވީ. މި ސަރުކާރުން މަރުހަބާ ކިޔާނެ އެގޮތަށް ކުރާ ކަމަކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން ވަކި މީހަކަށް، ވަކި ނުފޫޒެއް ބޭނުންކޮށްގެން މީގެން ފުރުސަތު ލިބޭކަށް. މި ހިނގަން ޖެހޭނީ ހެދިފައި އޮންނަ އުސޫލުގެ ތެރެއިން، އެ އުސޫލަކާ އެއްގޮތަށް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުގެ ތެރެއިން އޮތް ނުފޫޒެއް ވިޔަސް، އަމިއްލަ ވިޔަފާރިއެއް ކުރައްވާ ބޭފުޅެއްގެ އަތުގައި އޮތް ނުފޫޒެއް ވިޔަސް، ނުފޫޒެއް ބޭނުންކޮށްގެން މިކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ މުޑުދާރު ހަޑި އަމަލެއް ކަމަށާއި އެއީ ހަމަ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެހެން ކަންކަން ކުރެވިގެންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މޯލްޑިވިއަނުން ބުނީ މެލޭޝިއާ އިން މީހުން ގެންނާނީ ފުރުސަތު ހުޅުވާލުމުން އެކަމަށް އެދޭ ތަރުތީބުން ކަމަށެވެ.