މީހުން ގެންނަ ފުލައިޓުތަކުން ނުފޫޒެއް ފޯރުވައިގެން ޖާގަ ހޯދުމަކީ މުޑުދާރު އަމަލެއް ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް ދިޔަ މޯލްޑިވިއަންގެ ފުލައިޓުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އާއިލާތައް ގެނެސްފައިވާ ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ލިސްޓެއް އާންމުވެފައެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެއީ ރަނގަޅު ލިސްޓެއްތޯ ނުވަތަ ނޫންތޯ ދަންނަވަން ނޭނގޭ ކަމަށާއި އެއިން ކޮންމެ ކަމެއްގައި ވެސް ސާފުކޮށް ކިޔައިދޭނެ ކަމަށެވެ.
"އަޅުގަނޑު ސާފުކޮށްދޭން ބޭނުން ވާހަކައަކީ އަޅުގަނޑުމެން ދެކޭގޮތުގައި، އަދި ވަކި މިކަހަލަ ހާލަތެއްގައި ނުފޫޒެއް، ބާރެއް ބޭނުންކޮށްގެން، އެއީ ސަރުކާރުގެ ތެރެއިން އޮތް ނުފޫޒެއް ވިޔަސް، އަމިއްލަ ވިޔަފާރިއެއް ކުރައްވާ ބޭފުޅެއްގެ އަތުގައި އޮތް ނުފޫޒެއް ވިޔަސް، ނުފޫޒެއް ބޭނުންކޮށްގެން މިވަގުތު، މިކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ މުޑުދާރު ހަޑި އަމަލެއް. ހަމަ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެހެން ކުރެވިދާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެކަމާ ގުޅޭ މައްސަލަތައް އެނގޭ ވަރަށް ހުށަހެޅުމަށް އެދޭ ކަމަށާއި ސައްހަ މައުލޫމާތު ހޯދުމަށްފަހު ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅުމުން އެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި ވަކި މީހަކަށް، ވަކި ނުފޫޒެއް ބޭނުންކޮށްގެން މީގެން ފުރުސަތު ލިބެން ބޭނުންނުވާ ކަމަށާއި ކަންކަން ހިނގަން ޖެހޭނީ ހެދިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މޯލްޑިވިއަނުން ބުނީ މެލޭޝިއާ އިން މީހުން ގެންނާނީ ފުރުސަތު ހުޅުވާލުމުން އެކަމަށް އެދޭ ތަރުތީބުން ކަމަށެވެ.