ދަރަނިތަކުގެ ވާހަކަ މިހާރު އެދައްކަނީ އެ ފައިސާ ދެއްކޭނެ ގޮތް ނޭނގޭތީ ކަމަށާއި އެއީ ގާބިލުކަން ނެތުމުން ދައްކާ ވާހަކައެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
އާ ރައީސް ހުވާކުރެއްވުމަށް ފަހު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އަލަށް އުފެއްދި ދަރަނީގެ ގޮތުގައި އޮންނާނީ އެންމެ 10 ވަރަކަށް ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު 28.5 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.
"އަޅުގަނޑުމެން ދަރަނި ނެގީ ވަރަށް ކުޑަކުޑަ އިންޓްރެސްޓް ރޭޓުގައި ގާތްގަނޑަކަށް ހަތަރު ޕަސެންޓަށް ވުރެ ދަށް އިންޓްރެސްޓް ރޭޓުގައި އޭރު ލޯނު ލިބެން ހުރީމަ. މިހާރު އެ ރޭޓުގައި ނުލިބޭނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް އެކަނި ބަލާ ނަމަ ނިސްބަތުން އަލަށް އުފެދިފައިވާ 10 ވަރަކަށް ބިލިއަން ރުފިޔާ އަހަރަކަށް ދެބިލިއަނުގެ މަގުން ދެއްކިޔަސް އެ ފައިސާ އެއީ ނުދެއްކޭނެ ވަރުގެ ބޮޑު ބުއަރަކަށް ވެގެން އެވާހަކަ ދައްކަވަނީ ގާބިލުކަން ނެތުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރަނގަޅަށް މެނޭޖްކޮށްގެން ކަންކަން ގެންގޮސްފި ނަމަ މިހާރު އޮތް ދަރަނި ދައްކަމުން ވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ހުއްޓުމެއް ނެތި ގެންދެވޭނެ ކަމަށެވެ. އަިދ މިހާރު އޮތް ދަރަނި ދެ އަހަރު ނުވަތަ ދެއަހަރާއި ބައިގެ ތެރޭގައި ދައްކައި ޚަލާސް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.