ޚަބަރު

މާހިރުން ބުނާ ގޮތުން ނަމަ ކޮވިޑް އަދި އެތައް މަހެއް ވަންދެން އުޅޭނެ: މަބްރޫކު

މާހިރުން ބުނާ ގޮތުން ނަމަ ކޮވިޑް 19 އަދި އެތައް މަހެއް ވަންދެން އުޅޭނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އާ ގޮތަކަށް އުޅެން އަދި އާ ކަންތައްތަކަކަށް ސަމާލުވެގެން ކޮންމެ ދުވަހަކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

"މާހިރުން ދަންނަވަނީ މި ބަލި އަދި އެތައް ދުވަހެއް ވަންދެން އުޅޭނެއޭ. އަޅުގަނޑުމެން އާދަވާން އެބަޖެހޭ އާ ގޮތަކަށް ދިރިއުޅެން. އަދި އާ ކަންތައްތަކަކަށް ސަމާލުވެގެން ކޮންމެ ދުވަހަކު އުޅެން. މި ބަލިން ރާއްޖެއަށް އަރައިގަނެވޭނެ ދުވަހެއް ﷲ އިރާދަފުޅުން ދެއްކެވުމަކީ އަޅުގަނޑުގެ ވެސް ދުއާ. އަދި މި ބަލި ފެތުރުނަ ނުދިނުމަކީ އަޅުގަނޑުމެންގެ ދުއާ. އެހެންނަމަވެސް މިކަންކަމަށް ސަމާލުވެގެން މަސައްކަތްކުރުން އެއީ ކޮންމެހެން މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ބަލިން އަރައިގަނެވިއްޖެ ކަމަށް މިހާރު ނިންމިއްޖެއްޔާ އެއަށްވުރެ ގޯސްކަމެއް ނުކުރެވޭނެ ކަމަށާއި ރާއްޖޭގައި ތޫފާނެއްގެ ގޮތަށް ކޮވިޑް 19 ފެތުރަމުންދާ ކަމަށެވެ. އަދި މި ބައްޔާ ގުޅިގެން ދުނިޔޭގެ ބޮޑެތި، ބިޔަ، ވަރުގަދަ އިގުތިސާދުތަކަށް ހިފަހައްޓާނުލެވިގެން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު ދުނިޔޭގައި ގާތްގަނޑަކަށް 1.8 މިލިއަން މީހުންނަށް މި ބަލި ޖެހިއްޖެ. އެމެރިކާއަށް އެކަނި ބަލައިލިޔަސް 530،000 މީހުން. ދުނިޔޭގައި މިހާރު އެއްލައްކައަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެއްޖެ. ރާއްޖެ ވަށައިގެން ތޫފާނެއްގެ ގޮތަށް، މުޅި ދުނިޔޭގައި ވަކި ގައުމެއް ނެތި މިދަނީ މި ބަލި ފެތުރެމުން. މި ބަލިން އަރައިގަނެވިއްޖެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖެއްޔާ އެއަށްވުރެ ގޯސްކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 20 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ފަސް ދިވެހިންނެވެ. އަދި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.