ޚަބަރު

އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި ގެސްޓްހައުސް އާންމު ހާލަތަށް ގެނެސްފި

އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި ގެސްޓްހައުސް އާންމު ހާލަތަށް ގެނެސްފިއެވެ.

މީގެ ކުރިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ މީހަކު އައިލެންޑް ސަފާރީން ވަނީ ފެނިފައެވެ. އޭގެ އިތުރުން ރާއްޖެ ފުރި ފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ފަތުރުވެރިންނަކީ ވެސް އެ ސަފާރީން ދަތުރުކުރި ދެ މީހެކެވެ.

"އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނެވިފައި،" ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ގްރޭންޑް ޕާކް ކޮއްދިއްޕަރު މިހާރު މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށާއި ކޮއްދިއްޕަރުގައި ހުރި އެ ރިސޯޓުގެ ބިދޭސީ ސްޓާފެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ އަދި އެމީހާގެ ބަލި ހާލު ބޮޑުވެފައިވާތީވެ ޑޮކްޓަރުން އިތުރަށް ބެލުމަށްޓަކައި އެމީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެސްފައި ކަމަށެވެ.

"އޭނާގެ ފުރަތަމަ ނެގުނު ސާމްޕަލްގެ ނަތީޖާ ނެގަޓިވް. އެހެންނަމަވެސް މިކަމާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު މީހުން އަދިވެސް ތިބީ އައިސޮލޭޝަނުގައި ބޭތިއްބިފައި. އޭނާގެ ދެވަނަ ސާމްޕަލެއް ނެގަޓިވްވަންދެން ޑޮކްޓަރުން އެބަ ބޭނުންވޭ އެމީހުން އެގޮތުގައި ބައިތިއްބަން،" އޭނާ ވިދާޅުވިއެވެ.

މިވަގުތު މޮނީޓަރިންގެ ހާލަތުގައި ހުރި ތަންތަނަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު، ޖޯލި މޯލްޑިވްސް، ބޮޑުފުށި ރިސޯޓު އަދި މޯލްޑިވިއާނާ ސަފާރީއެވެ.