މިއަދު ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހި މީހާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފެސިލިޓީން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ނަތީޖާއިން ކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ އެމީހާގެ ނަތީޖާ ޕޮޒިޓިވްވުމުން މިހާރު އޭނާ އއ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މި ފަރާތަކީ ފިލިޕީންސުން ރާއްޖެ އައި، ރާއްޖެ އައިސް ކަރަންޓީނު ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި ފަރާތެއް. ކަރަންޓީނު ފެސިލިޓީން އޭނާ ދޫކޮށްލުމަށް ކުރެވުނު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެގެން، އެ ނަތީޖާ އެގޮތަށް އައީމަ މިހާރު އަޅުގަނޑުމެން ވާނީ އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ އެކަމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭނާއާ ބައްދަލުވެފައި ހުރި މީހުން ދެނެގަނެ، ޓެސްޓު ހަދަން ޖެހޭ މީހަކު ވާނަމަ، އެ ޓެސްޓުތައް ހެދުމުގެ ކަންތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން ކޮވިޑް 19ގެ އަލާމާތެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 20 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ފަސް ދިވެހިންނެވެ. އަދި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.