ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި ދިވެހި މީހާގެ ދެ ސާމްޕަލް ވެސް ނެގަޓިވްވެފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެކަކު ނެގަޓިވްވެ، އޭނާގެ ދެ ސާމްޕަލްގެ ނަތީޖާ ވެސް ނެގަޓިވްވުމުގެ ސަބަބުން އަޅުގަނޑުމެން އޭނާ ކޮވިޑް 19އިން ރަނގަޅުވެއްޖެ ކަމަށް މިއަދު ނިންމިފައިވަނީ. އެއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ރަނގަޅު ހަބަރަކަށްވާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ ފާހަގަވެގެންދާ ކަމަކީ އަދިވެސް މިކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ކަމަށާއި މިހާރު މިއޮތް ހާލަތުގައި އަޅާފައި ހުރި ފިޔަވަޅުތަކަށް އެހާ ބޮޑެތި ލުއިތަކެއް ގެނެވެން ނެތީ މި ނަތީޖާތައް މިގޮތަށް އަންނަމުންދާތީ ކަމަށެވެ. އަދި މިކަމަށް ހޭލާ ތިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 20 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ފަސް ދިވެހިންނެވެ. އަދި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.