ޚަބަރު

އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

އަލީ ޔާމިން

އދ. ފެންފުށީގައި ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 00:45 ހާއިރު އދ. ފެންފުށީގައި ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަަނބިމީހާއަށް އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ޒުވާބުގެ ތެރެއިން ފިރިހެން މީހާ ވަނީ އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައި ކަމަށާއި އެގޮތުން ދަތް އަޅާފައި ހުރިކަމުގެ ނިޝާން ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް އދ. މާމިގިލީ ކޯޓުން ފަސް ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.