ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން، ރާއްޖޭގެ އެއާލައިންތަކަށް 507 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ)ގެ ގެއްލުމެއް ވާނެ ކަމަށް، ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކާ ބެހޭ ޖަމިއްޔާ، އަޔާޓާ އިން ބުނެފިއެވެ.
އަޔާޓާގެ ރިޕޯޓަކާ ހަވާލާދީ މޯލްޑިވްސް އިންސައިޑާ އިން ބުނެފައިވާ ގޮތުގައި ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އެއާލައިން ސިނާއަތަށް 507 މިލިއަން ޑޮލަރުގެ ގެއްލުމެއްވެ، އެ ސިނާއަތުގައި ހަރަކާތްތެރިވާ 28،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
އަޔާޓާ އިން ކުރިން އަންދާޒާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގުތިސާދަށް 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާއިން މިހާރު ލަފާކޮށްފައިވަނީ މިއަހަރު ފަސިންޖަރުން އުފުލާ އަދަދު 40 ޕަސެންޓް ދަށްވާނެ ކަމަށެވެ.
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެނީ، މަންޓާ އެއާ އާއި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި ވިލާ ގްރޫޕުގެ ވިލާ އެއާގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. މި އެއާލައިންތަކުގެ ތެރެއިން ވިލާ އެއާ އާއި މަންޓާ އެއާ އަދި ޓީއެމްއޭ އިން ވަނީ އެތެރޭގެ އުދުހުންތައް މަދުކޮށްފައެވެ.
ކޮވިޑް 19ގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ބޮޑުތަނުން ދަށްވެ ދައުލަތުގެ އާމްދަނީވެސް ބޮޑުތަނުން މަދުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.