ކޮވިޑް 19އާ ގުޅިގެން ދައުލަތާއި އާންމު ފަރުދުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވާލައިފިއެވެ.
އެޗްއާރުސީއެމުން އިއްޔެ އާންމު ކުރި މި އުސޫލުގައި 11 ބައެއް އެކުލަވާލާފައިވެއެވެ. މި އުސޫލަކީ ރާއްޖޭގައި ކޮވިޑް 19 ފެތުރޭ މިންވަރު ކުޑަކޮށް، މިބަލިން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރާ މި ވަގުތުގައި އަޅަމުން އަންނަ ފިޔަވަޅުތަކުގައި، ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ހަނިކުރުމުގައި އަޅާ ފިޔަވަޅުތަކާ ގުޅިގެން އެކުލަވާލާފައިވާ އުސޫލެއް ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެގޮތުން ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި އިންސާނީ ހައްގުތައް ހަނިކުރުމުގެ ބާރު ސަރުކާރަށް ލިބުނު ކަމުގައިވީ ނަމަވެސް، ފިޔަވަޅު އަޅަން ޖެހޭނީ ކޮވިޑް 19ގެ ހާލަތަށް ރިއާޔަތްކޮށް ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި އެފަދައިން ފިޔަވަޅު އަޅާއިރު ހާއްސަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންނަށް ދެވޭ ހާއްސަ ލުއިތައް ދިނުމުގެ އިތުރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް މި އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ތަފާތު ކުރުމެއްނެތި ފަސޭހައިން ރައްޔިތުންނަށް ހިދުމަތް ފޯޜުކޮށްދެވޭނެހެން ސިއްހީ ހިދުމަތުގެ ނިޒާމު ބައްޓަން ކުރަންވާނެ ކަމަށް އެޗްއާރުސީއެމްގެ އުސޫލުގައި ބުނެފައިވެއެވެ. އަދި ބަލިވުމުން ބޭސް ކުރެވޭނެ އިންތިޒާމެއްގެ އިތުރުން، އެކި ހާއްސަ ތެރަޕީ އަދި ކައުންސެލިންގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުނެފިއެވެ.
އެޗްއާރުސީއެމްގެ އުސޫލުގައި ވަނީ ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމާ ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި ފުޅާ ދާއިރާއެއްގައި އެންމެންނަށް މައުލޫމާތު ލިބޭނެ ގޮތަށް ސަރުކަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
މީގެ އިތުރުން އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންނަށްވެސް މި ދަނދިވަޅުގައި އެންމެންނަށް ދޭހަވާ ބަހަކުން މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި އާންމު ފަރުދުންގެ މެދުގައި ވަކި މީހަކާ ގުޅޭގޮތުން ދެކޭގޮތް ތަފާތުވެ، ވަކި ބަޔަކު މުޖުތަމައުން އެކަހެރިކޮށް ބާކީ ކުރުމުން ދުރުވުމަށް މި އުސޫލުގައި އެޗްއާރުސީއެމުން އިލްތިމާސް ކޮށްފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާ މެދު އަމަލު ކުރަން ހާއްސަ އުސޫލުތަކެއް އެކުލަވާލަން ޖެހޭނެ ކަމަށް އެޗްއާރުސީއެމްގެ އުސޫލުގައި ބުނެފައިވެއެވެ. އަދި އެއާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް މި އުސޫލުގައި ބުނެފައިވެއެވެ.
މި ދަނޑިވަޅުގައިވެސް ތައުލީމު ލިބުމުގެ ހައްގުން މަހުރޫމު ނުވާނެ ފަދަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ. އަދި އެއްވެސް ދަރިވަރަކާ މެދު ތަފާތުކުރުން ނުގެންގުޅެވޭނެ ގޮތަކަށް މިކަމުގެ އިންތިޒާމު ހަމަޖެއްސުމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
މީގެ އިތުރުން އިޖުތިމާއި އަދި މާލީ އެހީތެރިކަމުގެ ދަށުން މުވައްޒަފުންނަށް ލިބޭ ހައްގުތައް ނުގެއްލޭނެހެން އަމަލު ކުރުމަށް އެޗްއާރުސީއެމުން އެދިފައިވެއެވެ. އަދި މާލީ ގޮތުން މުވައްޒަފުންނަށް ދަތި ނުވާނޭހެން އަމަލުކުރުމަށް ސަރުކާރުން ބާރު އަޅަންވާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މި ދަނޑިވަޅުގައި ބިދޭސީންނާ މެދު އަމަލުކުރަންވީ ގޮތްވެސް މި އުސޫލުގައި އެކުލަވާލާފައިވެއެވެ. އެގޮތުން ބިދޭސީންނަށް މި ދަނޑިވަޅުގައި އެއްވެސް ދައްޗަކާ ކުރިމަތިނުވެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ވަނީ ހުރިހާ އެންމެންވެސް މި އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.