ޚަބަރު

އިންތިހާބު ފަސްކޮށް، ކެންޑިޑޭޓުންގެ ގޮތުގައި ތިބި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލާ ބިލުގެ ބަހުސް މާދަމާ

އިބްރާހިމް ޒަކީ

ކޮވިޑް 19އާ ގުޅިގެން މިމަހުގެ 18 އަށް ފަސްކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 6 އާ ހަމައަށް ފަސްކުރަން ހުށަހަޅާފައިވާ ހާއްސަ ބިލް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" އަށް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބަހުސް ފަށާނެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ މި ބިލް ވަނީ މާދަމާ 11:00ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެެޖެންޑާކޮށްފައެވެ.

ކައުންސިލް އިންތިހާބު ގާނޫނަކުން ފަސްކުރަން ނިންމީ، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ގަނޫނީ ބާރުގެ ދަށުން އިންތިހާބު ލަސްކުރެވޭނެ އެންމެ ފަހު ތާރީހަކީ މިމަހު 18 ކަމަށް ވާތީއެވެ. މިމަހު 4 ގައި ބާއްވަން އޮތް އިންތިހާބު މިމަހުގެ 18އަށް އިލެކްޝަންސް ކޮމިޝަނުން ފަސްކުރީ، ދެ ފަހަރެއްގެ މަތިންނެވެ.

މިހާރު އިންތިހާބު ފަސްކުރަން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިމަހު 18 ގައި ބާއްވަން ނިންމާފައިވާ އިންތިހާބު ފަސްކުރެވުނީ ކަމަށެވެ.

އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށްގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ނަމަވެސް ވަކި ދާއިރާއަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އޮޓަމެޓިކުން އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ މި ބިލުން ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެންބަރުންނާއެކުގައި ކަމަށް ވެސް ބިލުގައިވެއެވެ.

އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާއެކު ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެފަރާތްތަކުގެ ސަސްޕެންޝަން ބާތިލުވުމާއެކު އެމީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.