ޚަބަރު

ހުޅުމާލޭގައި ބިދޭސީންނަށް ހަދާ ވަގުތީ ހިޔާގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވައިފި

އައިދާ އަބްދުލް ހަކީމް

ހުޅުމާލެ ފޭސް ދޭއްގައި ބިދޭސީން ބޭތިއްބުމަށް ހަދަމުން އަންނަ ވަގުތީ ހިޔާގެ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސްގެ އިތުރުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި އެޗްޑީސީގެ އިސް ބޭފުޅުން ވެސް ވަނީ އެތަނަށް މިއަދު ވަޑައިގެންފަ އެވެ.

ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރު މުއައްސަސާތައް ގުޅިގެން، މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ވަގުތީ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތްވެސް ވަނީ މިއަދު ފަށައިފަ އެވެ.

އެގޮތުން މިހާރު ނިމިފައިވާ ހިޔާތަކަށް 200 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ ރެޕިޑް ރެސްޕޮންސް ސެންޓަރާ ގުޅިގެން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މިހާރު ދޭން ތައްޔާރުވެފައިވަނީ އަމީން އެވެނިއު އިން ދީފައިވާ 800 ލޭބާ އެކަމަޑޭޝަން ޖާގަ ކަމަށެވެ. އަދި އެޗްޑީސީގެ ގްރީނިން ފެސިލިޓީން 72 ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 600 ނުވަތަ 700އިގެ ޖާގައިގެ ލޭބާ އެކަމަޑޭޝަން ޔުނިޓްތަކެއްގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. ގާތް ގަނޑަކަށް 1572 އެކަމަޑޭޝަން ޖާގަ މި މަސައްކަތްތަކުގެ ދަށުން ހަމަޖެހޭނެ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

"ހުޅުމާލޭގައި މިހާރު ހަދަމުން މިދަނީ ވަގުތީ ފެސިލިޓީޒްތަކެއް. ނަމަވެސް ގުޅީފަޅުގައި ވެސް ސަރުކާރުން އެބަ ހައްދަވާ ޕްލޭނުކޮށްގެން ބިދޭސީންނަށް އެކަމަޑޭޝަން ފެސިލިޓީސްތަކެއް" ސުހައިލް ވިދާޅުވިއެވެ.