ޚަބަރު

އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭ ހަދިޔާ ކޮށްދިނުމަށް އެދިއްޖެ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބުލަޑް ސާވިސް(އެމްބީއެސް) އެދިއްޖެއެވެ.

އެގޮތުން މިއަދު އެމްބީއެސްއިން ބުނެފައިވަނީ ހާއްސަކޮށް އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލޭގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ. އަދި ލޭހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް އެއިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އެމްބީއެސްގެ އިތުރުން ތެލެސީމިއާ ސެންޓަރުން ވެސް ވަނީ މީގެ ކުރިން ލޭ ލިބުން ދަތިވެފައިވާތީ އާންމުން ލޭ ހަދިޔާކުރުމަށް އިލްތިމާސް ކޮށްފައެވެ.

ބުލަޑް ސާވިސްގައި މިވަގުތު ތެލެސީމިއާގެ 635 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން 50 ޕަސެންޓް މީހުން މާލޭގައި ދިރިއުޅޭއިރު އަނެއް 50 ޕަސެންޓް މީހުން އުޅެނީ އެކި ރަށްރަށުގައެވެ.