މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ދެ އަހަރު ދުވަހުގެ ތެރޭގައި މަހުގެ ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތް ބޭނުންވާގޮތަށް ނިމިގެންދާނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ބޭނުންވާ އަދަދަށް މަހުގެސްޓޯރޭޖް އަދި ގާއިމް ކުރެވިފައި ނެތް ކަމަށާއި، ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ބޭނުންވާގޮތަށް މަހުގެ ސްޓޯރޭޖް އިތުރުކުރުކުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މަހުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސްޓޯރޭޖް އިތުރުކުރުމަށް މިހާރުވެސް ދެ ޕްރޮޖެކްޓެއް ތައްޔާރަަށް އޮތް ކަމަށެވެ.

އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިން ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އަނެއް ޕްރޮޖެކްތަކީ ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

ނަމަވެސް ސައޫދީފަންޑުގެ އެހީގައި ހިންގާ ޕްރޮޖެކްޓުގައި ސޮއިކުރެއްވުމަށް އެގައުމަށް ދާން އޮތްދުވަހު އެގައުމު ލޮކްޑައުންއަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ޕްރޮޖެކްޓް މިވަގުތައް ހުއްޓިފައިވާ ކަމަށާއި މިހާލަތު ނިމުމުން އެކަންތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓޯރޭޖް އިތުރު ކުރުމުުގެ މަސައްކަތް ކުރިއަށްދާއިރު، މަސްވެރިކަމާބެހޭ ކޯލްސްޓޯރޭޖްގައި މިހާރު ހުރި ކެޕޭސިޓީއަކީ 6800 ޓަނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުވާލަކު 300 ޓަނުގެ މަސް ބާނާނަމަ އެއީ 22 ދުވަހުުން ސްޓޯރޭޖް ފުރޭނެ އަދަދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.