ޚަބަރު

ކޮވިޑް 19 އާ ގުޅިގެން ދެކުނު އޭޝިއާއިން އެންމެ ބޮޑަށް ގެއްލުންވާނީ ރާއްޖެއަށް: ވޯލްޑް ބޭންކް

އައިދާ އަބްދުލް ހަކީމް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ދެކުނު އޭޝިއާގައި އިގްތިސޯދަށް އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހިރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.5 - 13 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވެއްޓޭނެ އެވެ. މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެބޭންކުން ބުނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވުމުން ކޮވިޑް 19 އާ ގުޅިގެން އެ އިންޑަސްޓްރީ އެއްކޮށް ހުއްޓިފައި އޮތުމެވެ.

ޕާކިސްތާނާއި އަފްގާނިސްތާން އަދި ސްރީލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

އިގްތިސޯދަށް އަންނަ މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގެ ފަރަގުތައް ވަރަށް ބޮޑުތަނުން ތަފާތުވެ، އާމްދަނީގެ ފަރަގު ވެސް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ފަގީރުންގެ ނިސްބަތް ވެސް އިތުރުވާނެ ކަމަށް ވޯލްޑްބޭންކުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ވަޒީފާ ގެއްލޭ މީހުންގެ އަދަދު ވެސް އެންމެ ގިނަވާނީ ސައުތު އޭޝިއާގައި ކަމަށް އެބޭންކުން ބުނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން ސަރުކާރުން ވަނީ އާންމު ވިޔަފާރިތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ރިލީފް ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.