މި ހަފުތާގައިވެސް ސްޓެލްކޯގެ ހިދުމަތްދޭ ކައުންޓަރުތައް ހޯމަ އަދި ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ.
ސްޓެލްކޯއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން ސްޓެލްކޯގެ ހިދުމަތްދޭ ކައުންޓަރުތަކުންނާއި ސްޓެލްކޯގެ ސޭލްސް ސެންޓަރު ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 14:00އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.
މި ނިންމުމަކީ ކޮވިޑް 19ގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވާއިރު، މި ދުވަސްތަކުގައި އެ ކުންފުންޏާއި ގުޅުން ހުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިއްބައި ދިނުމަށް ނިންމި ނިންމުމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މީގެ އިތުރުން ގޭގައި ތިބެގެން ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި އެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމު ސްޓެލްކޯއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭ ސަރަހައްދުގެ ރައްޔިތުން [email protected] އަށް އެ ކުންފުނިން ބޭނުންވާ ހިދުމަތްތަކަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯގެ ސޭލްސް ސެންޓަރުން ހިދުމަތް ހޯދާ މީހުންނަށް ވެސް އެ ކުންފުނިން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން [email protected] އަށް މެއިލް ކޮށްގެން ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި ދޫކުރުމުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ ފަރާތްތަކަށް 9110888 އަށް ގުޅައިގެންވެސް ސޭލްސްއާއި ގުޅުން ހުރި ހިދުމަތްތައް ހޯދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.