އިބްރާހިމް ޒަކީ
މިވަގުތު އެމްއެމްއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު ވިޔަފާރުވެރިންނާ ހަމައަށް ފޯރައިތޯ، ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ސީއެންއެން އިތުރުކާފު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން (ބޮންޑާ) ރޭ ވިދާޅުވީ، ކޮވިޑް 19އިގެ މިހާލަތުގައި ސަމާލުކަންދޭންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ތަކެތީގެ އަގުތައް އެއްހަމައެެއްގައި ހިފެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މުދާ ގެންނަ ވިޔަފާރިވެރިޔާއާ ހިސާބަށް ދޭތޯ ބެލުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޑޮލަރު ވިޔަފާރިވެރިންނާ ހިސާބަށް ނުގޮސް ތަކެތި އެތެރެކުރުމަށް ކަޅު ބާޒާރުން ޑޮލަރު ގަންނަން ވިޔަފާރިވެރިން ފަށައިފިނަމަ ޑޮލަރުގެ ކަޅު ބާޒާރެއްް އުފެދޭނެކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު ވިޔަފާރިވެރިންނާ ހިސާބަށް ދޭތޯ އެމްއެމްއޭއިން ބަލައިތޯ، ކޮމިޓީން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާ ސުވާލު ކުރެއްވި ކަމަށެވެ. އަދި ބޭންކުތަކުން ޑޮލަރު ދޫކުރާ ގޮތާއި، އެކަމާބެހޭބިލްތައް އެމްއެމްއޭއިން ބަލަމުން އަންނަކަމަށް ގަވަރުނަރު ވިދާޅުވި ކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.
ބޮންޑާ ވިދާޅުވީ، ބޭންކުން ގިިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ މަސައްކަތްތަކުގައި ބޭންކުތަކުން ޑޮލަރު ބޭނުން ކުރުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. ބޭންކުތަކުން އެގޮތަށް ކަންތައް ކޮށްފިނަމަ ރައްޔިތުންނަށް ދަތިވެ ރާއްޖޭގެ އިގްތިސާދަށް އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.