އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) އިން ދާދި ދެންމެއަކު ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، އެމީހާ އަކީ ފިލިޕީންސުން އައި މީހެއް ކަމަށެވެ. އަދި މިހާރު އެމީހާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި ދިވެހިންގެ އަދަދު މިހާރު މިވަނީ ފަހަކަށް އަރާފައެވެ. އަދި ރާއްޖެއިން ޓެސްޓު ކުރި މީހުންގެ ތެރެއިން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 20 އަށް އަރައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 19 މީހުން އިއްޔެ ދޫކޮށްލާފައިވާއިރު އިތުރު 80 މީހަކު ދޫކޮށްލުމަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމީހުންގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ނެތްނަމަ އެމީހުން މިއަދު ނުވަތަ މާދަމާ ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ރެއާއި ހަމައަށް ރާއްޖޭން 2612 މީހުން ޓެސްޓުކޮށްފައިވާ އިރު އޭގެތެރެއިން 2507 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު ނަތީޖާ ނުލިބި 86 ސާމްޕަލްއެއް އެބަ އޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.