ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރު މުއައްސަސާތައް ގުޅިގެން މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ވަގުތީ ތަންތަނަށް ބަދަލުކުރަން ފަށައިފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ ރެޕިޑް ރެސްޕޮންސް ސެންޓަރާ ގުޅިގެން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމްއެންޑީއެފް އާއި ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ގުޅިގެން ބިދޭސީން ވަގުތީ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މިއަދު އެ ތަންތަނަށް 200 ވަރަކަށް ބިދޭސީން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލޭގެ ބައެއް ކުދިކުދި ތަންތަނުގައި 20 މީހުންނަށް ވުރެ ގިނައިން ދިރިއުޅެމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.