ޚަބަރު

ފުލޫ ކުލިނިކު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން ހުޅުވި ފުލޫ ކުލިނިކު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މާލެ ހިޔާ ދެވަނަ ފްލެޓު ފުރަގަހުގައި އައިޖީއެމް ހޮސްޕިޓަލުން ހިންގަމުން އަންނަ ފުލޫކުލިނިކްގެ ހިދުމަތް މިއަދުން ފެށިގެން ހެނދުނު 10:00 އިން އިރު އޮއްސި 18:00 އާއި ހަމައަށް ދޭން ނިންމާފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުންއައިސް ކެއްސައި ކިނބިހި އަޅާނަމަ ނުވަތަ ރޯގާ ޖެހިގެން އުޅޭނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެކުލިނިކަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ އެދިފައެވެ. މި ކުލިނިކުން ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ބަލި ޖެހިފައިވާ 19 މީހަކު ވަނީ މިހާތަނަށް ރާއްޖެއިން ފެނިފައެވެ. އަދި އޭގެ ތެރެއިން 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.