ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ހިދުމަތްތައް ހަފުތާއަކު ދެ ދުވަހު ދޭން ނިންމައިފިއެވެ.
ކޮވިޑް 19ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތައް ދިނުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، މިއަހަރުގެ ފެބްރުއަރީ 28ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުމަށާއި އަލަށް ރަޖިސްޓްރީ ކުރާ ސައިކަލާއި ކަނޑުގެ އުޅަނދު ރަޖިސްޓްރީ ކުރުމާއި މާލެ ފިޔަވައި އެހެން ތަންތަނަށް އަލަށް ރަޖިސްޓްރީ ކުރެވޭ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުން އަދި އޮޑީގެ ނަންބަރުގެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ ހިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެ އޮތޯރިޓީގައި ގާއިމްކޮށްފައިވާ އެޕްލިކޭޝަން ފޮއްޓަށެވެ.
އެގޮތަށް ހުށަހަޅާ ކޮންމެ އެޕްލިކޭޝަނާއެކު ޗެކްލިސްޓު ހުށަހަޅަން ޖެހޭނެ ކަމަށާއި އެޕްލިކޭޝަން ފޮއްޓަށް ހުށަހަޅާ ކޮންމެ އެޕްލިކޭޝަނެއް ހުށަހަޅަންޖެހޭނީ ބަންދުކޮށްފައިވާ ވަކި ސިޓީއުރައެއްގައި އެޕްލިކޭޝަން ފޯމް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ޖެހުމަށްފަހު ކަމަށް އެ އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.
އޭގެ އިތުރުން ސިޓީ އުރައެއްގައި ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި އެނޫން ގޮތަކަށް ހުށަހަޅާ އެޕްލިކޭޝާންތަކަށް ހިދުމަތެއް ނުދެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، އެގޮތަށް ހުށަހަޅާ އެޕްލިކޭޝަންތައް ޗެކުކޮށް ނިމުމުން، ފައިސާ ދެއްކުމަށް އައުމަށް އެ އޮތޯރިޓީން ގުޅަމުން ގެންދާނެ ކަމަށެވެ.