ޚަބަރު

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މުވައްޒަފުން ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ވަޒީފާއިން ވަކިކުރުމާއި ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ އިއްޔެއިން ފެށިގެން 30 ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

"ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވައިފައެވެ." ރައީސް އޮފީހުން ބުންޏެވެ.

ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ވަނީ ހާއްސަ ފޯމެއް ތައާރަފުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީފާ ސިޔާސީ ސަބަބުތަކާ ހުރެ ގެއްލިފައި ތިބި މުވައްޒަފުންނަށް ވަޒީފާ އަލުން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.