ޚަބަރު

ރިސޯޓްތަކުގެ މަސް ކައްކަންޖެހޭ ހިސާބަށް ހިނގައްޖެ ކަމަކަށް ނުދެކެން: ފައްޔާޒު

ކޮވިޑް 19އާ ގުޅިގެން ރިސޯޓްތަކުގައި މަސް ކައްކަންޖެހޭ ހިސާބަށް ހިނގައްޖެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ބައެއް ފަސް ތަރީގެ ރިސޯޓްތަކުގެ ބަދިގެ ތަކުގައި މަސް ކައްކަން ފުރުސަތު ދޭންޖެހޭ ކަމަށް ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައިވާ ކަމަށް ބުނެ ނޫސްވެރިއަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ ނުވަތަ ރާއްޖޭގެ ޓޫރިޒަމް ހަލާކުވެގެން ދިޔައީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން ރިސޯޓްތައް މަސް ކައްކަންޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށާއި މަސް ކައްކަން ބޭނުންނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތައް ވެސް އެބަހުރި ކަމަށެވެ.

މިހާލަތުގައި ރައްޔިތުންގެ މަޖިލިހުން ވަރަށް ރަނގަޅު ހިޔާލު ދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ބަދަލުކުރަން މެންބަރުން ހިޔާލު ދެއްވަނީ މިހާލު ދިގުލައިގެން ގޮސްފިނަމަ އެކަހަލަ ކަމެއް ކުރެވިދާނެ ކަމަށް ވިސްނައިގެން ކަމަށް ވެދާނެ ކަމަށެވެ.

"އެބޭފުޅުންގެ (މަޖިލިސް މެންބަރުންގެ) އެ ހިޔާލުތަކަކީ މިވަގުތުން މިވަގުތަށް ދިގުލައިގެންދާ ކަމަށްވަންޔާމުން އެކަހަލަ ކަމެއް ވެސް ކުރެވިދާނެ ކަމަށް. އަދިއެއް އެހިސާބަކަށް (ރިސޯޓްތަކުގައި މަސް ކައްކާ) ނުދޭ. އަދި ބަލާލަން އެބަޖެހޭ ކުރިއަށް އޮތް ދެތިން މަސް، ހައެއްކަ މަސް މިކަން (ކޮވިޑް 19ގެ ބަލިމަޑުކަން) ވާގޮތެއް. އެއަށްފަހު ޓޫރިޒަމް ކުރިއަށްނުދާނަމަ އެއީ ރަނގަޅުކަމެއް ވިސްނަން،" މިނިސްޓަރު ވިދާޅުވިއެވެ.