ޚަބަރު

ދޮށީގެ މަސްވެރިކަމަށް ފައިސާ ދިނުމުގައި މިފްކޯ އިން ލަސް ކަމެއް އަންނަނީ ގެއްލުމުގައި މަސް ގަންނާތީ: ޒަހާ

ދޮށީގެ މަސްވެރިކަމަށް ފައިސާ ދިނުމުގައި މިފްކޯ އިން ލަސް ކަމެއް އަންނަނީ ގެއްލުމުގައި މަސް ގަންނާތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދޮށީގެ މަސްވެރިންގެ އަތުން މަސް ގަންނަނީ މިފްކޯ އާއި ހޮރައިޒަން އެކަނި ކަމަށްވާއިރު އެކުންފުނިތަކަށް ވެސް ފައިސާ ލިބެނީ މަސް އެކްސްޕޯޓްކުރާ ހިސާބުން ކަމަށެވެ. އެހެންކަމުން ދޮށީގެ މަސްވެރިންނަށް އަބަދުވެސް ފައިސާ ދެވެނީ ފަހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ދެން މީގެ އެންމެ ބޮޑު މައްސަލައަކީ ސަރުކާރު ކުންފުނިން ވެސް މަސް ނުއަގުގައި ބައްލަވައިގަންނަންވީމަ އަންނަ ކަންތައްތަކެއް އަންނާނެ. އެހެންވީމަ މީ އަޅުގަނޑުމެން އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް،" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ގާއިމްކޮށް އެ ފެސިލިޓީއަށް އެދި ހުށަހަޅާ ކުންފުނިތަކަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހަތަރު ކުންފުންޏަކަށް މިހާތަނަށް 20 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އެކުންފުނިތަކަށް ފައިސާ ދޫކުރަނީ އެ ކުންފުންޏަކުން މަސް ގަންނަ އަދަދަށް ބަލައި ކޮންމެ 10 ދުވަހަކުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދެން ކުރާ މަސްވެރިކަމަކީ އެކްސްޕޯޓް މާކެޓަށް ހާއްސަކޮށްގެން ކުރަމުންދާ ފާނަ އާއި ހުއިފިލަނޑާގެ މަސްވެރިކަމާއި ރިސޯޓްތަކަށް ސަޕްލައިކުރާ ފަރުމަސްވެރިކަންކުރާ މީހުން ކަމަށެވެ.

ނަމަވެސް އެ ތިން ވައްތަރުގެ މަސްވެރިކަމަކީ ވެސް ރަޖިސްޓްރީ ނުކޮށް، ސަރުކާރާ ތަފާސް ހިސާބުތައް ހިއްސާ ނުކުރާ ތިން މަސްވެރިކަން ކަމަށާއި އެކަމުގެ ސަބަބުން މިފަދަ ދަނޑިވަޅެއް ދިމާވުމުން ފަސޭހައިން މަސްވެރިކަންކުރާ ފަރާތްތައް ދެނެގަނެ އެހީތެރިވެވޭނެ ކަމަށެވެ.

"މި ތިން ގުރޫޕު (ފާނަ، ހުއިފިލަނޑާ އަދި ފަރުމަސްވެރިކަން ކުރާ މީހުން) ވާހަކަދައްކާއިރު މިމީހުން ރަސްމީ ގޮތަކަށް ރަޖިސްޓްރީކޮށްގެން ތަފާސް ހިސާބުދީއެއް ނަހަދާ. ނަމަވެސް މިފަދަ ހާލަތެއް ދިމާވާއިރު ފެސިލިޓީއެއް ގާއިމްކުރަން ބަލާއިރު އަޅުގަނޑުމެންނަކަށް ނޯވޭ އެއްވެސް ފަރާތަކުން މިވެނި އަދަދަކަށް މިވެނި ވަރަކަށް އުޅެއެކޭ. އޭގެ ބަދަލުގައި ދޮށީގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމަކީ ރަޖިސްޓްރީކޮށްގެން ކުރެވޭ މަސްވެރިކަމަކަށްވާތީ ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކިހާވަރެއްގެ ގެއްލުމެއްކަން ލިބެނީ،" މިނިސްޓަރު ވިދާޅުވިއެވެ.