ޚަބަރު

ރިސޯޓްތަކުން ދިވެހި ދަނޑުވެރިން އަތުން އެއްޗެހި ނުގަންނަ އެއް ސަބަބަކީ އެތަކެތީގެ ފެންވަރު ޔަގީން ނުވާތީ: ފައްޔާޒު

ރިސޯޓްތަކުން ދިވެހި ދަނޑުވެރިން އަތުން އެއްޗެހި ނުގަންނަ އެއް ސަބަބކީ އޭގެ ސިއްހީ ފެންވަރު ޔަގީން ނުވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވެސް އެންމެ ރަނގަޅު ގޮތް ނޫން ގޮތްގޮތަށް ދަނޑުވެރިކަން ކުރެވޭ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަންނަ ފަރާތްތަކުގެ ޝައްކުތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް ގުޑް އެގްރިކަލްޗާ ޕްރެކްޓިސަސްއަށް މަސައްކަތްކުރާ އެއް ސަބަބަކީ މާކެޓަށް އަދި އާންމު ރައްޔިތުންނަށް ގަންނަން ލިބެނީ އެންމެ ރަނގަޅު ގޮތުގައި އުފެދިފައި ހުންނަ ތަކެތިކަމުގެ ޔަގީންކަން އެރުވުން ކަމަށް ވިދާޅުވިއެވެ.

"ރިސޯޓްތަކުގައި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ދުރަށްދާ އޮތީ ދެ ސަަބަބު. އެއް ސަަބަބަކީ އެ ކޮލިޓީއާ ދޭތެރޭ އުފެދިފައި އޮތް ޝައްކެއް. އެހެންވީމަ އަޅުގަނޑުމެން ޔަގީންކަން އަރުވާނަން ރިސޯޓުތަކަށް މި ކޮލިޓީގައި އުފެދޭ އެއްޗެހިކަން. އަމިއްލަ ސާމްޕަލިން ޓެސްޓުތަކާ އެއްޗެހި ހަދާނެ. އަމިއްލަ ލެބޯޓަރީގައިކޮށް އެ އެއްޗެހި ޕަބްލިޝް ކުރާނެ. އެ ބޭނުންވާ ރިސޯޓަކަށް އޭގެ ތަފްސީލު ދެވޭނެ. އޭރުން އެ ޔަގީންކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ދަނޑުވެރިން އަތުން ރިސޯޓްތަކަށް އެއްޗެހި ނެގުމުގައި ދިމާވާ ދެވަނަ ސަބަބަކީ މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ސަޕްލައި ޔަގީން ނުވުމެވެ.

އެގޮތުން ރިސޯޓްތަކަށް ސަޕްލައި ޗެއިންއެއް ޔަގީންވެފައި އޮތުން ވަރަށް މުހިންމުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ދަނޑުވެރިން އުފައްދާ ތަކެތި ސަރުކާރުން ގަތުމަށްފަހު ރިސޯޓާއެކު އެއްބަސްވާ އަދަދަށް އެއްޗެހި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭނެ ކަމަށެވެ. އަދި ރާއްޖޭގައި އެ އަދަދެއް ތަކެތި ލިބެން ނެތްނަމަ އިމްޕޯޓްކޮށްގެން ވެސް ރިސޯޓްތަކާއި ވިޔަފާރިތަކަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.