ޚަބަރު

އޯޑަރުދިންތާ 14 ގަޑިއިރުގެ ތެރޭގައި އިންޑިއާ އިން ރާއްޖެއަށް ބޭސް ޝިޕްމަންޓެއް ފޮނުވައިފި

ރާއްޖޭން އޯޑަރުދިންތާ 14 ގަޑިއިރުގެ ތެރޭގައި ބައެއް ވައްތަރުގެ ކެންސަރަށް ބޭނުންކުރާ ބޭސް ހިމެނޭ ޝިޕްމަންޓެއް ރާއްޖެއަށް ފޮނުވާލާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެސްޓީއޯ އިން އޯޑަރުދީގެން ރާއްޖެ ގެންނަ އެ ބޭސް ޝިޕްމަންޓު ރާއްޖެއަށް ފުރުވާލާފައިވަނީ ޓުޓުކޮރިން ބަނދަރުން ކަމަށެވެ.

ރާއްޖެ ގެންނަ ބޭސް ޝިޕްމަންޓުގައި ހަމާއި ކިޑްނީގެ އިތުރުން ކެންސަރުގެ ބައެއް ބަލިތަކާއި އެލާޖީސްގެ ބަލިތަކަށް ބޭނުންކުރާ ހައިޑްރޯކޯޓިޒޯން ވެސް ހިމެނޭ ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.

ހައި ކޮމިޝަންގެ ޓުވީޓުގައި، އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ވެސް އިންޑިއާގެ ކުންފުނިތަކުން ފޯރުކޮށްދޭ އަވަސް ހިދުމަތްތަކަށް ވަނީ ތައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ރާއްޖެއިން އޯޑަރުކޮށް ނުގެނެވި ހުރި 6.2 ޓަނުގެ ބޭސް އެގައުމުގެ ސިފައިންގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދީފައެވެ.

އޭގެ އިތުރުން ކޮވިޑް 19 އަށް ފަރުވާ ކުރުމަށް މިހާރު ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެންޓި މެލޭރިއާ ބޭހެއް ކަމަށްވާ "ހައިޑްރޮސިކޮލްރޯކުއަނިން" (އެޗްސީކިޔު) ފޮނުވަން އިންޑިއާއިން ނިންމި 13 ގައުމު ތެރޭގައި ރާއްޖެ ވަނީ ހިމަނައިފައެވެ.

އެގޮތުން އެ ބޭހުގެ ދެ ލައްކަ ޝިޕްމަންޓް ރާއްޖެ ފޮނުވުމަށް އެގައުމުން ވަނީ ނިންމައިފައެވެ.