ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

އައިދާ އަބްދުލް ހަކީމް

ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ އާއި ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާޜަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެތަންތަނަށް އެމަނިކުފާނު މިއަދު ކުރެއްވި ޒިޔާރަތުގައި އެތަންތަނުގައި އިތުރަށް ކުރަމުން އަންނަ މަސައްކަތްތަކާއި އެތަންތަނުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތް ބައްލަވާލެއްވި ކަމަށެވެ.

މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަތެވެ.

މިއީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީސްތައް ބައްލަވައިލެއްވުމަށް ރައީސް ސޯލިހު ޒިޔާރަތްކުރެއްވި ދެވަނަ ފަހަރެވެ. އެމަނިކުފާނު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީސްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި މީހުން އައިސޮލޭޓް ކުރަން ނުވަތަ ކަރަންޓީން ކުރަން އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ފަރުކޮޅުފުށީގައި ކަރަންޓީންކުރާ މީހުންނަށް މަދަރީގެ އުނދަގުލާއި އެތަނާ ގުޅުންހުރި އެހެން ވެސް ޝަކުވާތަކާ ގުޅިގެން އެތަން މަރާމާތަށްފަހު މިހާރު ވަނީ ބޭނުންކުރަން ތައްޔާރުކޮށްފައެވެ.

އެގޮތުން ކުރިން އެތަނުގައި 30 އެނދު ހުރި ނަމަވެސް އެތަނުގައި ހުރި މައްސަލަތައް ހައްލުކޮށް އަލުން އެތަން ހުޅުވިއިރު ވަނީ 50 އަށް އިތުރުކޮށް، ހަތަރު ވޯޑަކަށް ބަހާލައިފައެވެ.

އޭގެ އިތުރުން އައިސީޔޫ ދެ އެނދާއި ޕޯޓަބަލް ވެންޓިލޭޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފައިވާއިރު މަދިރި އުފެދޭ ގޮތަށް އޮތް ފަރުކޮޅުފުށީގެ ސުވިމިންޕޫލު ފެން ހިންދައި، ފެންގަނޑުވަނީ ކްލޮރިން ކޮށްފައެވެ. އަދި މަދިރި އުފެދުން ހުއްޓުވުމަށް ފެންގަނޑަށް މަސް ލުމަށް ވަނީ ނިންމައިފައެވެ.

ކޮވިޑް 19ގެ ފަރުވާ ދިނުމަށް ތަރައްގީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަނުގައި ސާވިސް ބިލްޑިންއަކާއި އެކޮމޮޑޭޝަން ބްލޮކެއް ވެސް ހުންނާނެއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް މީގެ ކުރިން ވިދާޅުވީ އެ ފެސިލިޓީ ތަރައްގީކުރަން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރާ ކަމަށެވެ. އެގޮތުން އެތަނުގެ ކޮންޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އަދި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.