ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ޕްރޮވައިޑާ ކަމަށްވާ ޝެމަރޫ އިންޓަޓެއިންމެންޓް ލިމިޓެޑާ ގުޅިގެން "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް ގެނެސްފައިއެވެ.
މިގޮތުން މިހާރު އިންޑިއާގެ މަޝްހޫރު ފިލްމު ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލައިލެވޭނެއެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕަ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައް ވެސް ހިމެނޭނެއެވެ.
ދިރާގުން ބުނީ، މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައް ވެސް ގޭގައި ތިބެގެން ކުރަންޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމުތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެ ކަމަށެވެ.
އެގޮތުން ޝެމަރޫގެ ކޮންޓެންޓް ދިރާގުޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓާއެކު، މަހަކު 30 ރުފިޔާ އަށް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި ޕާޓްނާޝިޕާ ގުޅިގެން ދިރާގު ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރް ދިވާޅުވީ ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑާ އެއް ދިރާގުޓީވީއާ ގުޅުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ކަސްޓަމަރުން ގަޔާވާ ކަހަލަ ހިންދީ ފިލްމުތައް ދިރާގުޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.
ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީއީއޯ ހިރެން ގަޑާ ވެސް ވިދާޅުވީ، ދިރާގު ފަދަ ބޮޑު ކަސްޓަމާ ބޭސް އެއް އޮންނަ ކުންފުންޏަކާ ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާކުރާ ކަމަށާއި އެކި އުމުރުފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށެވެ.
ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ދިރާގުން ބުނީ، އެކުންފުނިން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަ ކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީ ގެ ހިިދުމަތެވެ.