ޚަބަރު

ތިންވަނަ ދައުރުގެ ޖަލްސާތައް މި މަހު 15ގެ ނިޔަލަށް ކުރިއަށް ގެންދަން ފާސްކޮށްފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް މި މަހުގެ 15 ވަނަ ދުވަހުގެ ދުވަހަށް ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން އެ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދަން ފާސްކޮށްފައި ވަނީ މިއަދު ވޯޓުގައި ބައިވެރިވި 26 މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 14 ވަނަ ޖަލްސާގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއަށްފަހު ފާސްކޮށްފައި އޮތް ގޮތުން ނަމަ މާދަމާ އަކީ މަޖިލީހުގެ މި ދައުރު ނިމޭނެ ދުވަހެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މުހިއްމު ކަންތައްތަކެއް ހުށަހަޅާފައިވުމުން މާދަމާގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނުނިމޭނެތީ، ތިންވަނަ ދައުރުގެ ޖަލްސާތައް އިތުރުކުރުމަށް ލީޑަރުން މަޝްވަރާކުރެއްވި ކަމަށެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ އޮކްޓޯބަރ މަހުގެ 28ގައެވެ.