ޚަބަރު

ކަރަންޓީނުގައި ތިބޭ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް ފަރުވާގެ އިންތިޒާމު ވަނީ ހަމަޖެހިފައި: ޑރ. ޝަހީދު

ރާއްޖޭން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ ދިވެހިންގެ ތެރެއިން ދާއިމީކޮށް ފަރުވާ ދޭންޖެހޭ ބަލިތަކާއި ބޮޑެތި ބަލިތަކުގެ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުތަކުގައި ތިބި ދިވެހިންނަށް ވަނީ އެނބުރި ރާއްޖެ ނާދެވި ތާށިވެފައެވެ. ނަމަވެސް އެގައުމުތަކުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަންނަ ބޭނުންވެފައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ ހާއްސަ ފްލައިޓުތަކެއް އެގައުމުތަކަށް ފޮނުވަމުންނެވެ.

އެގޮތުން މިހާތަނަށް ވެސް 500 އަށްވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފައިވާއިރު އެގޮތަށް އަންނަ އެންމެން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަންޖެހެއެއެވެ.

ނަމަވެސް އެގޮތަށް ގެންނަ ދިވެހިންގެ ތެރޭގައި، ޑައިލިސިސް ހަދާ މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ކީމޯތެރަޕީ ދީފައިވާ މީހުންނާއި ޑައިބެޓީސް ބޭނުން ކުރުމުގެ ތަފާތު ހާލަތްތަކުގައި ތިބޭ މީހުންނާއި މާބަންޑު މީހުން ހިމެނޭއިރު، ކަޓަންޓީނުގެ މުއްދަތުގައި އެފަދަ ފަރާތްތަކަށް ދޭ ސިއްހީ ހިދުމަތްތަކާބެހޭ ގޮތުން އެކިކަހަލަ ޝަކުވާ ދަނީ ލިބެމުންނެވެ.

އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވީ އެފަދަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް އެކަމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހާލުބޮޑު ފަރާތްތައް ކަރަންޓީނުގައި ބައިތިއްބަނީ، މާލެ ގެންނަންޖެހިއްޖެނަމަ މާލެ ގެނެވޭ ގޮތަށް މާލެ ކައިރީގެ ފެސިލިޓީތަކުގައި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި މާބޮޑަށް ހާލު ބޮޑުވެއްޖެނަމަ އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާދެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ތިން ފަރާތެއް މިހާރު ވެސް އައިޖިއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، މުޅި ގައުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުގެ ދަށުން ކޮންމެ މީހަކު ވެސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހޭ ކަމަށާއި އެ މުއްދަތު ގޭގައި ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ބަލި މީހުން ރާއްޖެއަށް ދަތުރު ކުރުމުގެ ކުރިން އެބޭފުޅުންގެ ސިއްހީ ހާލަތު އެޗްޕީއޭއަށް އެންގުމަށް ހާއްސަ ފޯމެއް ޓެގުން ތައްޔާރުކޮށް އެކަމަށް އެދިފައިވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ސިއްހީ ހާލަތުދަށް މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި އެކަމާބެހޭ މައުލޫމާތު ނޭނގުމަކީ ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަަމަށް ވިދާޅުވިއެވެ.

އާއްމުކޮށް އިންޑިއާއިން އަންނަ މީހުންގެ ސިއްހީ މައްސަލަތައް ހުންނާނެކަން އެނގޭކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ، މީގެ ކުރިން ކޮޗިިނުން ރާއްޖެއަށް މީހުން ގެނައި ފްލައިޓުންނާއި މިއަދު ޓްރިވެންޑުރަމުން މީހުން މާލެ ގެނައި ފުލަޓުންއައި މީހުންނާބެހޭ މެޑިކަލް އިންފޮމޭޝަން ފޯމްތައް ވެސް ލިބިފައިނުވާ ކަމަށެވެ.

"މިއަދު ޓްރިވެންޑުރަމުން އަންނަ ފްލައިޓުގައި ވެސް އަޅުގަނޑުމެންނަށް އަސްލުގައި މެޑިކަލް އިންފޮމޭޝަން ފޯމަސްތަކެއް ނުލިބޭ. އެކަމަކު އާސަންދައަށް ކޮންޓެކްޓް ކޮށްގެން ކޮންމެސް ވަރެއްގެ މައުލޫމާތުތަކެއް އެބަހުރި ލިބިފަ ބަލިމީހުންނާ ގުޅޭ ގޮތުން. ނަމަވެސް އެއަކުން މިހާރު އެމީހުންގެ މެޑިކަލް ސްޓޭޓަސްއެއް ނޭނގޭނެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ، އެގޮތަށް މީހުން ގޮވައިގެން ފްލައިޓު ޖައްސާއިރު ދެ ޑޮކްޓަރުންނާ ނެރުހުން ތިބޭނެ ކަމަށާއި އޭގެ އިތުރުން ސައިކޯ ސޯޝަލް ސަޕޯޓް ވެސް އެ ހިސާބުން ފަށާނެ ކަމަށެވެ. އޭގެ އިތުރުން ކޮންގެ ކޮންމެ ކަރަންޓީން ފެސިލިޓީއެއްގައި ފެސިލިޓީ މެނޭޖަރަކާއި ޑޮކްޓަރަކާއި ނަރުހެއް ހިމެނޭ ގޮތަށް މެޑިކަލް ޓީމެއް އަދި ސައިކޯ ސޯޝަލް ސަޕޯޓް ދޭނެ މީހެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ

އެގޮތުން ކަރަންޓީނުގައި ހުންނަ ބަލި މީހަކަށް ސްޕެޝަލިސްޓެއްގެ އެހީތެރިކަން ބޭނުންނަމަ އަދި ޓެސްޓެއް ހަދަން ޖެހިއްޖެނަމަ އެ ފަރާތްތައް މެދުވެރިކޮށް، އެކަން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަރަންޓީން ފެސިލިޓީއެއްގައި ހުންނަ މީހަކަށް މެޑިކަލް އެޑްވައިޒްއެއް ބޭނުން ވެއްޖެއްޔާ އެކޮޅުގައި (ކަރަންޓީން ފެސިލިޓީގައި) ހުންނަ ޑޮކްޓަރަކު މެޑިކަލް ކްލަސްޓާއަށް ކޮންޓެކްޓް ކުރީމާ ކްލަސްޓާއިން ސްޕެޝަލިސްޓް ހެލްޕު ވެސް އެވޭލަބަލް ކޮށްދޭނެ. ގައިނޮކޮލޮޖިސްޓެއް ނުވަތަ ސާޖަންއެއް، ފިޒީޝަނެއް އެޓެންޑު ކުރާނެ. ފޯންކޯލް ކޮސަލްޓޭޝަން އާއި ވީޑިއޯކޯލް ކޮންސަލްޓޭޝަނުން މެނެޖްކުރަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، މާބަނޑު މީހަކަށްވިޔަސް އަދި އެހެން ބައްޔެއް ހުރި މީހެއް ނަމަވެސް ދޭންޖެހޭ ހިދުމަތެއް މިހާތަނަށް ދީފައިވާ ކަމަށާއި ހަދަންޖެހޭ ޓެސްޓެއް އޮތްނަމަ އެ މުއްދަތަށް ހަދާފައިވާ ކަމަށެވެ. ނަމަވެސް އާންމުކޮށް ބޭހެއް ކާ މީހެއްނަމަ މަދުވެގެން 15 ދުވަހުގެ ބޭސް ހިފައިގެން އައުން މުހިއްމު ކަމަަށާއި މާބަނޑު މީހެއްނަމަ ބޭނުންވާ ސިއްހީ އެހީތެރިކަމާއި އާއިލީ އެހީތެރިކަން އެހުންނަތަނަކުން ލިބޭތޯ ބެލުމަށްފަހު އައުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.