ޚަބަރު

ދަނޑުވެރިންގެ ޝަކުވާތައް އަހަން އެސްޓީއޯގެ އެމްޑީ ކާށިދޫ ދަނޑުވެރިންގެ ގާތަށް

އައިދާ އަބްދުލް ހަކީމް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ކާށިދޫގެ ދަނޑުވެރިންނާ ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް އަހައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ މިއަދު ކާށިދޫއަށް ކުރި ޒިޔާތަރުގައި އެރަށުގެ ހުރިހާ ދަނޑުވެރިންނާ ބައްދަލުކުރި ކަމަށެވެ. އަދި އެ ހުރިހާ ދަނޑުވެރިންގެ ވެސް ޝަކުވާއަކީ ހަމައަގު ނުލިބުން ކަމަށް ވިދާޅުވިއެވެ.

"އެމީހުންގެ އަބަދުވެސް ޝަކުވާއަކީ އެމީހުންނަށް ހަމައަގު ނުލިބުން، ދެން މާލެ އައިސް ވިއްކާލާއިރު ހައެއްކަ މީހުން މެދުވެރިވެގެން ވިއްކާ މިލެވެނީ. ދެން އަނެއްކާ މާލޭގެ މާރުކޭޓު ވެސް މި ކޮންޓްރޯލު ކުރަނީ ވަކިބައެއް. އެހެންވީމަ އެމީހުން ފަސް ރުފިޔާއަށް ވިއްކާލާއިރު ހަމަ އެމީހުން ކައިރީ ތިއްބާ އެބަ ވިއްކާލައޭ 20 ރުފިޔާ އަށް،" އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަހައި، ދަނޑުވެރިންގެ އަތުން ރަނގަޅު އަގެއްގައި ތަކެތި ގަތުމަށްފަހު ވަގުތުން އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ.

އަމްރު މީގެ ކުރިން ވެސް ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރިނާރައިގެން އުޅެނީ ދަނޑުވެރިން ހައްދާ އެއްޗަކުން ލިބޭ އާމްދަނީ ސާފު ނުވާތީކަން އެސްޓީއޯއިން ހައްދާފައިވާ އެކި ދިރާސާތަކުން އެނގިފައިވާ ކަމަށެވެ.

އެކަން ހައްލުކުރުމަށް އެސްޓީއޯ އިން ވަނީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ވަގުތުން ފައިސާ ދިނުމަށް އެސްޓީއޯ އެގްރިސެންޓަރެއް އުފައްދައިފައެވެ. އަދި އެގްރިސެންޓަރަށް ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިން 7291137 ނަންބަރަށް ގުޅައިގެން ރަޖިސްޓަރީވުމަށް ވަނީ ހުޅުވާލައިފައެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވީ، އެސްޓީއޯއިން ދިވެހީންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނީ މިހާރު ބާޒާރުގައި ހުރި އަގަށްވުރެ ރަނގަޅު އަގުގައި ކަމަށެވެ.