ޚަބަރު

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް އިތުރު ކޮށްފި

އިބްރާހިމް ޒަކީ

މާލެއާއި ރިސޯޓުތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލާފައިވާ މުއްދަތު މިމަހު 18 (އަންނަ ހޮނިހިރު ދުވަސް) އަށް އިތުރު ކޮށްފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތީ އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ، ހުސްވި މާޗް މަހުގެ 18 އިން ފެށިގެން އެމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އެމަހުގެ 18 އިން ފެށިގެން މިމަހުގެ 11 ގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމުއްދަތު މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ރަށަކަށް އަރައިފޭބުން ސަރުކާރުން މަނާކޮށް، އެރަށެއްގައިވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުލު ނަމާދުތަކާއި، ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ދަންނަވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ސޮއްލޫ ފީ ބުޔޫތިކުމް އަދި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައި ދެއްވުމަށްއެދި ދަންނަވަން،" ކަމަށެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުލު ފަސްނަމާދު ބަރާބަރަށް އަދާ ކުރުމަށާއި، ސުންނަތްނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.