ކޮވިޑް 19ގެ ސަބަބުން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ހަފުތާގައިވެސް ސަރުކާރު ބަންދު ކުރަން ނިންމުމާއި ގުޅިގެން ކަސްޓަމާ ސާވިސް ހިދުމަތް ދިނުމަށް ދެ ދުވަހަކު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޯމަ އަދި ބުދަ ދުވަހު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރުން ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން މި ދެދުވަހު ކަސްޓަމާ ސާވިސް ކައުންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދެއެވެ.
މި ނިންމުމާއި ގުޅިގެން އަންނަ ހޯމަ އަދި ބުދަ ދުވަހު އެކުންފުނީގެ ހެޑް އޮފީސް، ފެންބިލްޑިންގެ ކަސްޓަމާ ސާވިސް ކައުންޓަރުންނާއި، ރިސެޕްޝަނުން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެގޮތުން، ފެންބިލްތަކަށް ޗެކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް، ކަސްޓަމާސާވިސް ކައުންޓަރުން، ސިޓީ އާއި އިިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަަލައިގަތުމާއި، ޕޭމަންޓް ދޫކުރުން ރިސެޕްޝަނުން ކުރިއަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ކުންފުނީގެ ހިދުމަތްތަކާއި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް ކުންފުނީގެ އީމެއިލަށް ފޮނުވުމަށް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި އެދިފައި ވެއެވެ. އެ ކުންފުނީގެ މެއިލް އައިޑީއަކީ [email protected] އެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން ބޭރުގައި ހޭދަކުރާ ވަގުތު ވީހާވެސް ކުޑަ ކުރުމަށް ބިލަށް އަރާ އަދަދު ބަލައިލުމަށާއި ބިލަށް ފައިސާ ދެއްކުމަށް މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.