ފަސް މީހުންނާއެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ގދ.ވާދޫ ކައިރިން ތިލައަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި "އެޑަމް 60" ކިޔާ މި ދޯނީގައި ތިބީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި ދޯނި ތިލައަކަށް އެރިކަމުގެ ރިޕޯޓު އެމްއެންޑީއެފް ސަދާން އެރިއާގެ ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު 6:40 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ދޯނި ދަތުރުކުރަމުން ދިޔައީ ގދ. ފަރެސްމާތޮޑާއިން ގއ. ނިލަންދުއަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ދޯންޏަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.