ރައީސް ޔާމީން

ރިޔާސީ އިންތިހާބުގައި އެމްޑީއޭ އަޅުގަނޑުމެންނާއެކު މަސައްކަތެއް ނުކުރޭ: ރައީސް ޔާމީން

1

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު އެމްޑީއޭއިން މަސައްކަތް ނުކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރު ގެނައުމަށް 2013ގެ ރިޔާސީ އިންތިހާބުގައި އެކުލަވާލި ކޯލިޝަންގައި އެމްޑީއޭ އިން އިސްދައުރެއް އަދާކުރި ނަމަވެސް، މިއަހަރުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި ޕީޕީއެމްއާއެކު އެމްޑީއޭ ރަސްމީ ސިފައެއްގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު އެމްޑީއޭއާއެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

"އެމްޑީއޭ އަޅުގަނޑުމެންނާ އެކީއެއް ނޫން މަސައްކަތްކުރީ ރިޔާސީ އިންތިހާބަކު. އެހެންވީމާ އަޅުގަނޑުމެންނާ އެމްޑީއޭއާ އެކު އޮތް އެގްރިމެންޓް އެހިސާބުން އެއޮތީ ހުއްޓިފައި. އެހެންވީމާ މިހާރު އަޅުގަނޑުމެންނާއި އެމްޑީއޭއާ އެކީ އެއްވެސް ކަހަލަ އެއްބަސްވުމެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެހެން ޕާޓީއަކުން ޕީޕީއެމްއާއެކު ގުޅެން ބޭނުންވާ ނަމަ ވާހަކަދައްކައިގެން ކުރިއަށްދެވިދާނެ ކަމަށާއި އެ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ވެސް ޕީޕީއެމްއާއެކު އެމްޑީއޭ އިން ވާހަކަތަކެއް ދައްކާފައި ނުވާ ކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރުމަށް އެމްޑީއޭ އިން ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟