ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކޮވިޑް 19 ގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު ޝާހިދު ޔޫއޭއީއާއެކު މަޝްވަރާ ކުރައްވައިފި

އިބްރާހިމް ޒަކީ

މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ޔުނެއިޓެޓް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާއި ފޯނުން ގުޅުއްވައި ކޯވިޑް 19 އާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ކޮވިޑް 19 އިތުރަށް ފެތުރުނަ ނުދިނުމަށް ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެކަމާގުޅިގެން އިގުތިސޯދީ، އަދި އިޖުތިމާއީ ގޮތުން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކޯވިޑް 19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.

މި މަޝްވަރާތަކުގައި ޔޫއޭއީއަކީ ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭން 19 މީހަކު މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވާއިރު، މިހާރު ރަނގަޅު ނުވެ ތިބީ ހަތަރު މީހުންނެވެ.

ޔޫއޭއީންވެސް 2900 އަށްވުރެ ގިނަ މީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެބަލީގައި މިހާތަނަށް 14 މީހަކު އެ ގައުމުން ވަނީ މަރުވެފައެވެ.