އަލީ ޔާމިން
ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ހަރަދުގައި ބޭސްފަރުވާއަށާއި، ދައުލަތުގެ ހަރަދުގައި ކިޔަވަން ގޮސްފައި ތިބި މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވާ ހުރިހާ ދިވެހިން ރާއްޖެ ގެނައުން ކަމަށެވެ. އެގޮތުން މީހުން ރާއްޖެ ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތުގެ ހަރަދުގައި ބޭސްފަރުވާއަށާއި ކިޔަވަން ގޮސް ތިބި މީހުންނަށް ކަމަށް ހިސާން ވިދާޅުވިއެވެ.
"މިހާރުވެސް އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލުގައި އަންނަން ބޭނުންވެފަ ކުދިންތައް އެކި އެމްބަސީތަކުގައި މި ހުންނަނީ ރަޖިސްޓްރީކޮށްފަ. ރަޖިސްޓްރީކޮށްފަ ތިބޭ މީހުންގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފަ މި އޮންނަނީ ދައުލަތުގެ ހަރަދުގަ ބޭސްފަރުވާއަށާއި އަދި ކިޔަވަން ގޮސްފަ ތިބި ކުދިން ވީހާވެސް އަވަހަކަށް މާލެ ގެނައުމަށް. އެހެންކަމުން މި މީހުންނަށް އެންމެ ބޮޑު އިސްކަމެއް ދީފަ މި އޮންނަނީ" ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ރާއްޖޭގައި ހުރި ކަރަންޓީން ފެސިލިޓީތަކުގައި ޖާގަ އޮތް ވަރަކުން ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ރާއްޖެ ގެންނަ ދިވެހިންގެ ތެރެއިން ހައި ރިސްކް މީހުން ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަރަންޓީން ކުރެވޭނީ މާލެއާ ކައިރި ހުންނަ ކަރަންޓީން ފެސިލިޓީތަކުގައި ކަމަށެވެ.
ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން އަންނަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ކޮޗިން އިން ރާއްޖެ 189 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިއާއިން 200 މީހުން ވަނީ ގެނެސްފައެވެ.