ޚަބަރު

ދިހަ ރިސޯޓަކާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި

ދިހަ ރިސޯޓަކާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޭގެ ތެރެއިން ބައެއް ރިސޯޓުތަކުން ހުއްދަދީފައިވާނީ ބައެއް މުވައްޒަފުން ފޭބުމަށް ކަމަށެވެ.

"މިހާތަނަށް ދިހަ ރިސޯޓަކާއި 55 ސަފާރީއެއް ވަނީ ރިލީސްކުރެވިފައި. އޭގެ ތެރެއިން ބައެއް ރިސޯޓުތަކުން ބައެއް ސްޓާފުން ރިލީޒްކުރެވިފައިވާނެ،" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން އެތެރެވުމަށްޓަކައި ދެވޭ އޮން އެރައިވަލް ވިސާ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާތީ، ވަކި ހާލަތްތަކަކަށް ބަލައި ރިސޯޓުތަކުންނާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.

ރިސޯޓުތަކުންނާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދެވޭ ހާލަތްތައް:

  • އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސްވެފައި، އެ މުއްދަތުގައި އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތެއް ފެނިފައިނުވުން. މީހުން ފޭބުމުގެ ކުރިން މީހުން ފޭބުމުގެ އިގުރާރު ފޯމު ރިސޯޓުގެ ފަރާތުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ފޮނުވުން.
  • އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސްވެފައި، އެ މުއްދަތުގައި އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތެއް ފެނިފައިނުވުން. މީހުން ފޭބުމުގެ ކުރިން މީހުން ފޭބުމުގެ އިގުރާރު ފޯމު ރިސޯޓުގެ ފަރާތުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ފޮނުވުން.
  • ކޮވިޑް 19އާ ގުޅިގެން މޮނީޓަރިންއަށް ލެވުނު ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައިނުވުން. މި ހާލަތުގައި ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައިނުވުމާއި، ބަލީގެ އަލާމާތެއް ހުރި މީހަކު ނެތުން. މީހުން ފޭބުމުގެ ކުރިން މީހުން ފޭބުމުގެ އިގުރާރު ފޯމު ރިސޯޓުގެ ފަރާތުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ފޮނުވުން.
  • އެންމެ ފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސްވެފައިވުން. މި 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަވުމާއި، ރިސޯޓުން ނުވަތަ ސަފާރީން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިސޯޓުގައި ނުވަތަ ސަފާރީގައި ނެތުމާއި، ފުުރިހަމަކުރަން ޖެހޭ އެގްޒިޓް ފޯމު ފުރުން.
  • ފޮޒިޓިވްވި މީހަކު ފެނުމާއެކު، އެމީހެއްގެ ފަރާތުން އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެހެން މީހަކަށް ބަލި ޖެހިފައިވުން. މި ހާލަތުގައި އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސްވެފައިވުން. މި 28 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ، އެމީހަކު ފެނުނުތާ 14 ދުވަސް ފުރިހަމަވެފައިވުން. އިސްވެ ބަޔާންކުރި 28 ދުވަހުގެ ކުރިން 14 ދުވަހުގެ މުއްދަތު ހަމަވާނަމަ، 28 ދުވަސް ފުރިހަމަކުރުމާއެކު ރިސޯޓުން ނުވަތަ ސަފާރީން މީހުން ފައިބާއިރު ފުރިހަމަކުރަން ޖެހޭ އެގްޒިޓް ފޯމު ފުރިހަމަކުރުން. އަދި އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ތިބި މީހުން ކޮވިޑް 19އަށް ޓެސްޓުކުރުމާއި، ރިސޯޓުގައި ނުވަތަ ސަފާރީގައި ބަލީގެ އަލާމާތް ހުރި މީހަކު ނުވަތަ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ނެތުން.