އަލީ ޔާމިން
ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގެ މުވައްޒަފުގެ ކޮންޓެކްޓުންގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖެއިން ފުރިފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ ޖޯލި މޯލްޑިވްސްއިން ތަރައްގީ ކުރަމުން އަންނަ، ރ. ބޮޑުފުށި ރިސޯޓުގެ މަސައްކަތަށް ގެނައި ބިދޭސީ މުވައްޒަފެކެވެ.
އެ ބިދޭސީ މީހާއާ ރާއްޖެއިން ކޮންޓްކެޓްވި 33 މީހަކު ވަނީ އެކަހެރިކުރެވިފައެވެ. އޭގެ ތެރޭގައި ރިސޯޓުގެ މުވައްޒަފުންނާއި، އެމީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ކުރޫއިންނާއި، އެއާޕޯޓުގެ ގްރައުންޑް ސްޓާފުންނާއި ފްލައިޓު ކްުރޫއިން ހިމެނޭ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ ފިރާގު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވޭ ހައި ރިސްކު މީހުންގެ ދެ ސާމްޕަލެއް އެޗްޕީއޭއިން ނަގާ ކަމަށާއި އެގޮތުން ޖޯލީ މޯލްޑިވްސްއިން ނެގި ފުރަތަމަ ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށެވެ.
"ޖޯލީގެ ފުރަތަމަ ސާމްޕަލްތައް އަޅުގަނޑުމެންނަށް ލިބިފައި ހުރީ. ހުރިހާ ރިޒަލްޓެއް ނެގެޓިވް. އެހެންނަމަވެސް މިހާރު ދަނީ ދެވަނަ ސާމްޕަލް ނަގަން ޓެސްޓު ކުރުމުގެ މަސައްކަތް." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ބޮޑުފުށި ރިސޯޓުގެ މުވައްޒިފު ރާއްޖެއިން ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި ކަމަށް ސަރުކާރުން ބުނެއެވެ.