ރައީސް ޔާމީން

މިއީ ރައްޔިތުން ހޮވި ސަރުކާރެއް، ރައްޔިތުން ވެސް ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނެ: ރައީސް ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުން ހޮވި ސަރުކާރެއް ކަމަށާއި އެ ރައްޔިތުން ސަރުކާރު ޒިންމާދާރު ކުރުވަން ވެސް ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޒިންމާދާރުކޮށް ހުރިހާ ކަމަކީ ހަމައެކަނި ޕީޕީއެމްއިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިއީ ރައްޔިތުން ހޮވި ސަރުކާރެއް ނޫންތޯ. ރައްޔިތުންނެއް ނޫންތޯ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ. ޕީޕީއެމް ކީއްވެގެންތޯ ހުރިހާ ކަމެއް ކުރަން ޖެހޭނީ. އަޅުގަނޑަކަށް ނުވިސްނޭ. ސަރުކާރު ޒިންމާދާރު ކުރެވޭނީ ހަމައެކަނި ޕީޕީއެމްއެއް ނޫން ދެއްތޯ. ޖާނަލިސްޓުންނަށް ވެސް ސަރުކާރު ޒިންމާދާރު ކުރެވޭންނޫންތޯ. ޖާނަލިސްޓުން ނޫންތޯ ފްރީ ޕްރެސް ނުލިބިގެން އުޅުއްވީ. ޖާނަލިސްޓުންނަށް ވެސް ސަރުކާރު ޒިންމާދާރު ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ސަރުކާރުން ކަންތައްތައް ކުރަންޏާ ދިވެހި ރައްޔިތުންނަށް ވެސް އޮތީ ޕީޕީއެމްއަށް ވެސް އޮތް ހައްގު ކަމަށާއި ކަމަކާ ހިތްހަމަނުޖެހެންޏާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވެސް ކުރައްވާނީ ޓުވީޓެއް ކަމަށެވެ.

"ދިވެހި އާންމު ރައްޔިތުން ދެއްތޯ އެކަން ކުރަންވާނީ. ދިވެހި ރައްޔިތުން ގެނައި ސަރުކާރެއް މި ސަރުކާރަކީ. ދިވެހި ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ސަރުކާރުން ކަންތައްތައް ކުރަންޏާ ދިވެހި ރައްޔިތުންނަށް ވެސް އޮތީ އަޅުގަނޑުމެންގެ ޕާޓީއަށް އޮތް އެއް ހައްގެއް ނޫންތޯ. އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ވެސް ކަމަކާ ހިތްހަމަނުޖެހެންޏާ ކުރައްވާނީ ޓުވީޓެއް. ހަމަ ތިތަނުން ބޭފުޅެއް ވެސް ޓުވީޓެއް ކުރައްވާނީ. އެއް ހައްގުތަކެއް ނޫންތޯ މިހުރީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކަމެއް ގޯސްކޮށް ދަންޏާ އެކަމެއް ރަނގަޅު ކުރަންޖެހޭނީ އެ ގޯހުގައި ބައިވެރިވި މީހުންނާ ވެސް އެކު ކަމަށާއި ޕީޕީއެމްއަކީ އަބަދު ހުރިހާ މައްސަލަ ހައްލުކޮށްދޭ ބައެއް ކަމުގައި ދެކުމަކީ ގޯހެއް ކަމަށެވެ.