ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމައިފިއެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ މިމަހުގެ 30ގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމާފައިވަނީ "ކޮވިޑް 19އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވްވި ފުރަތަމަ ކޭސް 7 މާޗް 2020ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވީ ހިނދު، އަދި ކޮވިޑް 19 އަކީ 'ޕެންޑަމިކް' އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 11 މާޗް 2020ގައި ކަނޑައަޅާފައިވީ ހިނދު، އަދި ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، 12 މާޗް 2020ގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭތީ" ކަމަށް މިނިސްޓަރުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

އެ ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ.