އަލީ ޔާމިން
އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގައި ތިބި ދިވެހި 144 އާއިލާއަށް ކެއާ ޕެކޭޖު ފޮނުވުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާދަމާ ޓްރިވެންޑްރަމަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓުގައި ކެއާ ޕެކޭޖު ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ކެއާ ޕެކޭޖު ފޮނުވަން ބޭނުންވާ ފަރާތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލު ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން، މިއަދު ހެނދުނު 08:00 އިން 11:00އަށް އަދި މެންދުރުފަހު 2:00 އިން ހަވީރު 6:00އަށް ކެއާ ޕެކޭޖުތައް ބަލައިގަނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ކެއާ ޕެކޭޖު ބަލައިގަތުމުގެ ވަގުތު ހަމަވިއިރު 154 އެޕްލިކޭޝަން ބަލައިގަނެވި، 144 އާއިލާއަކަށް ކެއާ ޕެކޭޖު ފޮނުވުމަށް ހަވާލުކުރެވުނު ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮންމެ އާއިލާއަކަށް ކެއާ ޕެކޭޖުގެ ގޮތުގައި ފޮނުވޭނީ ގިނަވެގެން 15 ކިލޯއެވެ.
މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން ވަނީ މޯލްޑިވިއަންގެ އެހީތެރިކަމާ އެކުގައި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ. އެގޮތުން ލަންކާއަށް ނުވަ ޓަނުގެ ކެއާ ޕެކޭޖު ފޮނުވިއިރު މެލޭޝިއާއަށް ވަނީ ހަތް ޓަނުގެ ކެއާ ޕެކޭޖު ފޮނުވައިފައެވެ.