ޚަބަރު

ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަލީ ޔާމިން

އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށް ކަމަށެވެ. އަދި އެ ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެ ކަމަށް ބާޖުގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އޮޔާދަނީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.